ވޭލްސްއަކީ މޮޅު ކުޅުންތެރިންތަކެއް ތިބި ގައުމެކެވެ. ނަމަވެސް ފުޓުބޯޅައިގައި އެ ގައުމަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެ ގައުމު އެންމެ ފުރަތަމަ ވޯލްޑްކަޕަކަށް ކޮލިފައިވީ 1958 ވަނަ އަހަރުއެވެ. އޭގެ ފަހުން ކުޅުނު 15 މުބާރާތަށް ކޮލިފައިނުވެވި އެ ގައުމުގެ ކުޅުންތެރިން ތިބެންޖެހުނީ މުބާރާތް ބަލާށެވެ. ނަމަވެސް މިއަހަރުގެ މުބާރާތުން އެ ގައުމުގެ ކުޅުންތެރިން ކުޅޭތަން ފެންނާނެއެވެ.
ވޭލްސްގެ ކެޕްޓަން ބޭލްއަކީ އެ ގައުމުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިއާކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ބޭލްއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ. އޭނާގެ ރަން ޒަމާނުގައި ޑިފެންޑަރުންނަށް އޭއީ ނުރައްކަލެކެވެ. އުމުރުން 33 އަހަރުގެ ބޭލް، އޭނާގެ ކުރިއަރު ފެށީ 2006 ވަނަ އަހަރު އިނގިރޭސި ކްލަބު ސައުތުއެމްޓަންއިންނެވެ. އޭގެ ފަހުން އޭނާ ވިދާލައިފައިވަނީ އޭގެ އަނެއްއަހަރު ޓޮޓެންހަމްއަށް ބަދަލުވެ، އެ ޓީމަށް ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ ކުޅުމުގެ ސަބަބުން 2013 ވަނަ އަހަރު ދުނިޔޭގެ ގަދަ ބާރު ރެއާލް މެޑްރިޑުން އޭނާ ގަތެވެ. އެ ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކުމަށްފަހު މިހާރު ބޭލް ކުޅެނީ އެމެރިކާ މޭޖާ ލީގްގެ ލޮސް އޭންޖަލްސްއަށެވެ. އޭނާ ވަނީ ވޭލްސް ގައުމީ ޓީމަށް 108 މެޗު ކުޅެދީ 42 ގޯލު ޖަހައިދީފައެވެ.
ވޭލްސްގެ ކޯޗަކީ ކުރީގެ މޮޅު ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ ރޮބް ޕޭޖްއެވެ. ޕޭޖް މީގެ ކުރިން މަސައްކަތްކުރީ ވޭލްސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައެވެ. އޭނާ ވޭލްސްގެ ގައުމީ ޓީމާ ހަވާލުވީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެނާ ވަނީ އެ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ. މިފަހަރު ވޭލްސް ވޯލްޑްކަޕަށް ކޮލިފައި ވީވެސް ޕޭޖްގެ ކޯޗުކަމުގެ ދަށުންނެވެ. މިއަހަރުގެ ވޯލްޑްކަޕަކީ އޭނާ ގައުމީ ޓީމެއް ގޮވައިގެން ނިކުންނަ އެންމެ ބޮޑު މުބާރާތެވެ.
މިއަހަރުގެ ވޯލްޑްކަޕްގައި ވޭލްސްގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ވޭލްސްގެ ކީޕަރު ވޭން ހެނެސީއެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކަށް ކުޅެފައިވާ ހެނެސީއަކީ ތަޖުރިބާހުރި ކީޕަރެކެވެ. އޭނާގެ ފުޓުބޯޅަ ހާޔާތް ފެށީ ވެސް އިނގިރޭސި ކުލަބު ވޯލްވްސްއިންނެވެ. އަދި އޭނާ ވަނީ ކްރިސްޓަލް ޕެލެސްގެ އިތުރުން ބާންލީގެ ގޯލު ބަލަހައްޓާފައެވެ. މިހާރު ހެނެސީ އަކީ ނޮޓިންހަމް ފޮރެސްޓުގެ އެއް ނަންބަރު ކީޕަރެވެ. މި ސީޒަނުގައި އޭނާގެ މޮޅު ކުޅުން އެ ޓީމުން ދަނީ ފެންނަމުންނެވެ. ހެނެސީ ވަނީ ވޭލްސް ގައުމީ ޓީމަށް 106 މެޗު ކުޅެދީފައެވެ.