އެންމެ ފުރަތަމަ ވޯލްޑު ކަޕްގައި ވިލާތު ބައްރުން ފުރުސަތު ލިބުނު ހަތަރު ޓީމުގެ ތެރޭގައި ފްރާންސް ހިމެނެއެވެ. މަޝްހޫރު އަދި ހުނަރުވެރި އެތަކެއް ކުޅުންތެރިންތަކެއް އެކުލެވޭ މި ޓީމުގެ މި ފަހަރުގެ އަމާޒަކީވެސް ވޯލްޑްކަޕްގެ ތަށި ކާމިޔާބުކުރުމުވެ. އެންމެ ފަހުން 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ މި އަހަރުގެ މުބާރާތަށް އެ ޓީމަށް ލިބޭ ހިތްވަރެއްގެ އިތުރުން، ތަށި ދިފާއު ކުރުމަށް ކުރިމަތިވާ ބޮޑު ޕްރެޝަރެއްވެސްމެއެވެ. ފްރާންސް މި ފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވީ ކޮލިފައިން ގުރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގައި 18 ޕޮއިންޓާއެކުއެވެ.
ފްރާންސްގެ ކެޕްޓަންއަކީ ޕްރިމިއާ ލީގުގައި ކުލަބު ޓޮޓެންހަމްގެ ތަޖުރިބާކާރު ގޯލްކީޕަރު ހޫގޯ ލޮރިސްއެވެ. އޭނާއަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ގޯލު ކީޕަރުންގެ ލިސްޓުގައި ހިމެނޭ އެއް ކީޕަރެވެ. ލޮރިސް އެންމެ ފުރަތަމަ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރީ 2010 ވަނަ އަހަރުއެވެ. ދެހާސް ބާރަ ވަނަ އަހަރުގެ ޔޫއެފާ ޔޫރޯ އާއި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ވެސް ކުއާޓާ ފައިނަލަށް ފްރާންސް ގެންގޮސްދީ، ޔޫއެފާ ޔޫރޯ 2016 ގެ ރަނަރަޕް، އަދި ރަޝިޔާގައި ބޭއްވި 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިނުމުގެ ވެސް ލޮރިސް ވަނީ ބޮޑު ރޯލެއް އަދާކޮށްފައެވެ. ލޮރިސް ވަނީ ފްރާންސް ގައުމީ ޓީމަށް 139 މެޗު ކުޅެފައެވެ.
ފްރާންސްގެ ކޯޗަކީ 2012 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ޑިއާ ޑެޝަމްޕްސްއެވެ. އޭނާ އަކީ 2018 ވަނަ އަހަރުގެ މުބާރާތް ފްރާންސްއަށް ކާމިޔާބުކޮށްދިން ކޯޗެވެ. ޑެޝަމްޕްސް އަކީ ޔޫރަޕްގެ ނަން މަޝްހޫރު ޔުވެންޓަސްއާއި ފްރާންސްގެ މަސޭ ފަދަ ކުލަބުތަކާއެކު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ.
ފްރާންސްގެ ޓީމަށް އެންމެ މުހިއްމު ކުޅުންތެރިއަކަށް މިހާރު ވަނީ ރެއާލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ ފޯވާޑް ކަރިމް ބެންޒެމާއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ 'ބެލަންޑިއޯ އެވޯޑް' މިއަހަރު ހޯދި ބެންޒެމާއަކީ ކުލަބު އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ފްރާންސް ގައުމީ ޓީމަށް 97 މެޗު ކުޅެ 37 ގޯލު ޖަހައިފައެވެ.