ވިލާތު ބައްރަށް ނިސްބަތްވާ އާބާދީގައި 4.4 މިލިއަން މީހުން ދިރިއުޅޭ ކްރޮއޭޝިއާއަށް ވޯލްޑްކަޕްގައި ކުޅުމުގެ ފުރުސަތު ފުރަތަމަ ލިބުނީ 1988 ވަނަ އަހަރުއެވެ. އެ އަހަރަކީ އެ ޓީމުގެ އެންމެ ކާމިޔާބު އަހަރުވެސް މެއެވެ. 1930-1990 އާ ހަމައަށް ޔޫގޯ ސެލޭވިއާގެ ޓީމުގެ ގޮތުގައި ކުޅެމުންއައި ކްރޮއޭޝިއާ މިނިވަން ގައުމެއްގެ ގޮތުގައި ފީފާ އާދި ޔޫއެފާގައި ރަޖިސްޓްރީވީ 1994 ވަނަ އަހަރުއެވެ.
ކްރޮއޭޝިއާގެ ކްޕްޓަން ބޭންޑު އަޅައިގެން ކުޅޭ ކުޅުންތެރިއަކީ ލުކާ މޮޑްރިޗްއެވެ. އޭނާ އަކީ ދުނިޔޭގެ ގަދަ ބާރު ރެއާލް މެޑްރިޑަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރެކެވެ. އުމުރުން 37 އަހަރުވި ކަމުގައި ވިޔަސް މޮޑްރިޗްގެ ޖާދުވީ ކުޅުމަކަށް ބަދަލެއް ނާދެއެވެ. މޮޑްރިޗް އަކީ ނިމިދިޔަ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. މޮޑްރިޗް ވަނީ ކްރޮއޭޝިއާ ގައުމީ ޓީމަށް 154 މެޗު ކުޅެ 23 ގޯލު ޖަހައިފައެވެ.
މިއަހަރުގެ ވޯލްޑްކަޕްގައި ކްރޮއޭޝިއާއަށް އިރުޝާދުދޭނެ ކޯޗަކީ ލަޓޯކޯ ޑަލިކްއެވެ. އޭނާ އަކީ އެ ގައުމުގެ ކުރީގެ ކުޅުންތެރިއެކެވެ. ޑަލިކް އަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިން ކޯޗެވެ. އޭނާ ވާނީ މީގެކުރިން ރަޝިއާގެ ގައުމީ ޓީމާއި ސައުދީ އަރަބިއާގެ ބައެއް ކުލަބުތަކަށް އިރުޝާދުދީފައެވެ.
ކްރޮއޭޝިއާ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ އެ ޓީމުގެ ހަލުވި ސްޓްރައިކަރު ޕެރިސިޗްއެވެ. އޭނާއަކީ 2011 ވަނަ އަހަރުން ފެށިގެން ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅެމުންއަންނަ ކުޅުންތެރިއެކެވެ. އޭނާ އަކީ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުލަބުތަކަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ޕެރިސިޗް ވަނީ ޖަރުމަނު ބުންޑަސްލީގާގެ އެންމެ ވާދަވެރި ދެ ކުލަބުކަމަށްވާ ބަރޫޝިއާ ޑޯޓުމަންޑާއި ބްޔާން މުއުނިކަށް މޮޅަށް ކުޅެފައެވެ. އަދި އިޓަލީގެ ގަދަ ބާރު އިންޓަ މިލާނަށް ކުޅުމަށްފަހު ޕެރިސިޗް މިހާރު ކުޅެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 115 މެޗު ކުޅެދީ 32 ގޯލު ޖަހައިފައެވެ.